
ޤާނޫނު ނަންބަރު 9/2019، (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް ދެވޭ އިނާޔަތްތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ބިލެކެވެ.
މި ބިލަކީ 2025 ޑިސެންބަރު 1 ވީ އާދީއްތަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. ރައީސް މުޢިއްޒު މި ބިލު ތަޞްދީޤުކުރެއްވުމާއެކު، ދިވެހިރާއްޖޭގެ ޤާނޫނަކަށް ވެ މިހާރުވަނީ ޢަމަލުކުރަން ފަށާފައެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ މީހުންނަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭ ރައްކާތެރިކަމާއި ޢިނާޔަތްތައް ކަނޑައަޅައި، އެ ރައްކާތެރިކަމާއި ޢިނާޔަތްތައް ދިނުމާބެހޭ އުސޫލުތައް ކަނޑައަޅައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ބަޔާންކުރުމެވެ.
ޤާނޫނަށް ގެނެވުނު އިސްލާޙްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ދެމުންގެންދިޔަ އޮފީސް ހިންގުމުގެ ޚަރަދު އުނިކުރުމާއި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އެ މީހަކު ދެވަނަ ދައުރަކަށް އިންތިޚާބުވުމާއި ދައުލަތުގެ އެނޫންވެސް މަގާމަކާ ހަވާލުވާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގެ ތެރޭގައި އިނާޔަތް ލިބުން މެދުކެނޑޭނެކަން ހިމެނެއެވެ.
މީގެ އިތުރުން، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން ރިޔާސަތުގެ ފަސް އަހަރުދުވަހުގެ ދައުރެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ލިބިދޭ ރައްކާތެރިކަމާއި އިނާޔަތްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 30،000 ރުފިޔާ އާއި ދައުލަތުގެ ޚަރަދުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ޞިއްޙީ ޚިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ވެސް މި ބިލުގައި ވަނީ ހިމަނައިފައެވެ.