
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް މަގުފަހިކުރާ ގޮތަށް، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ގެނެވުނު 3 ވަނަ އިޞްލާޙު، މިއަދު ތަސްދީޤުކުރައްވައިފިއެވެ. މިގޮތުން، ޤާނޫނު ނަންބަރު 17/2011، (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ 2025 ޑިސެންބަރު 6 ވީ ހުކުރު ދުވަހުއެވެ.
މި ބިލަކީ، 2025 ޑިސެންބަރު 3 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެފައިވާ ބަޔާނުގައިވާ ގޮތުން، މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަސްތުވާތަކެތީގެ އެނޫންވެސް ވިޔަފާރިކުރުން ހުއްޓުވުމެވެ.
މި އިސްލާހުގެ ދަށުން، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު މަދުކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް އިސްކަންދީ، ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ ރުޖޫޢަވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙްތައް ބަޔާންކުރެވިފައިވެއެވެ.
ޤާނޫނަށް ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރަން އުޅުން ނުވަތަ އެތެރެކުރުމަށް ނުވަތަ ބޭރުކުރުމަށް އެހީތެރިވެދިނުން ނުވަތަ އެއްވެސް ސިފައެއްގައި މިކަމުގައި ބައިވެރިވުމުގެ އަދަބު ވަނީ ބޮޑުކޮށްފައެވެ. މި އިސްލާހުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރިއާއި ގުޅުންހުރި ކުށްތަކަށް އަދަބު ކަނޑައެޅުމުގައި އިތުރު ހަރުކަށިކަމެއް އަންނާނެކަމަށް ބެލެވެއެވެ.