
ރާއްޖޭގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް، ޒަކާތު ބެނެފިޝަރީ ކާޑެއް އަންނަ މަހު ތަޢާރަފުކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. މި ކާޑު ތައާރަފްކުރުމުގެ މައިގަނޑު މަޤްޞަދަކީ، ފަޤީރުންނަށް ޚިދުމަތް ދިނުމުގެ ނިޒާމު ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް، ފަސޭހަކޮށްލުމެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، މި ކާޑު ވެގެންދާނީ ބޭންކުތަކުން ދޫކުރާ ވިސާ ކާޑުތަކާ އެއްފަދައިން ބަލައިގެން، ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތް ކުރިއަށްދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެންނެވެ.
މި ކާޑުގެ ސަބަބުން އެއީ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ މީހެއްކަން ދެނެގަނެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި ކާޑު އޮތުމުން އޭނާއަކީ ކާކުކަން ދެނެގަނެވޭނެކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޒަކާތު ބެނިފިޝަރީ ކާޑު ތައާރަފުކުރުމުގެ އެންމެ ބޮޑު އެއް ފައިދާއަކީ، ފަޤީރުން އޮފީސްތަކަށާއި ތަންތަނަށް ހިނގަންޖެހޭ މިންވަރު މަދުވެ، ޚިދުމަތްތައް ފަސޭހަކޮށް، އެހާމެ އަވަހަށް ލިބިގެންދިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ފަޤީރުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ބަހުންދު ވުން ކުޑަވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.